އައްޑޫ ސިޓީ ކައުންސިލް އިދާރާ: ފައިލް ފޮޓޯ އައްޑޫ ސިޓީ ކައުންސިލް

ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރަން އަލުން އިއުލާނުކޮށްފި

އައްޑޫ ސިޓީގެ މަރަދޫ، ހުޅުދޫ އަދި ހިތަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ގޭދޮށު މަސް ޕްލާންޓް" ޑިޒައިންކޮށްދީ، އިމާރާތްކޮށްދީ ހިންގައިދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ވަކިވަކިން ކުރި އިއުލާނުތަކެއްގައި ބުނީ، މަރަދޫ، ހުޅުދޫ އަދި ހިތަދޫގައި "ގޭދޮށު މަސް ޕްލާންޓް" ޑިޒައިންކޮށްދީ، އިމާރާތްކޮށްދީ ހިންގައިދޭނެ ބަޔަކު ހޯދަން މިމަހުގެ ހަތަރު ވަނަ ދުވަހު ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އަލުން ބިޑަށް ހުޅުވާލާ ކަމަށެވެ.

އިއުލާނުގައިވާ ގޮތުން އެ މަޝްރޫއުތަކަށް ކުރިމަތިލެވޭނީ ދިވެހި ފަރާތްތަކަށާއި އިންޑިއާގެ ފަރާތްތަކަށެވެ. މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 1500ރ ނުވަތަ 100 ޑޮލަރު ދައްކަންޖެހެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުތަކުގައިވާ ގޮތުން ކުރީގެ އިއުލާނާއި ގުޅިގެން ރެޖިސްޓްރޭޝަން ފީ ދައްކާފައިވާ ފަރާތްތަކުން މި ފަހަރު ރެޖިސްޓްރޭޝަން ފީ ދައްކާކަށް ނުޖެހޭނެއެވެ.

ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ 14:00 އަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި، އައްޑޫގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތަށް ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން މީގެ ކުރިން އިއުލާނުކުރިއެވެ.