އައްޑޫގެ ފެން ހިންދުމާއި މަގު ހަދަން 1.1 ބިލިއަން ރުފިޔާ
އައްޑޫ ސިޓީގެ ފެން ހިންދުމުގެ ނިޒާމު ގާއިމްކުރުމާއި މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ފަންޑްކުރާ މަޝްރޫއެކެވެ. މި މަޝްރޫއަކީ 77.63 މިލިއަން އެމެރިކާ ޑޮލަރު (1.19 ބިލިއަން ދިވެހި ރުފިޔާ) ގެ މަޝްރޫއެކެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ހިންގާ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑެވެ. މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެފްކޯންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ. މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ސޮއިކޮށްފައެވެ.
ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެ ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ގައި ފެން ހިންދާ ނިޒާމު މި މަޝްރޫއުގެ ދަށުން ގާއިމު ކުރެވިގެންދާނެއެވެ. އެގޮތުން ގާއިމުކުރެވޭ ފެން ހިންދާ ނިޒާމުގެ ޖުމުލަ ދިގުމިނަކީ ގާތްގަނޑަކަށް 103 ކިލޯމީޓަރެވެ.
މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާނެއެވެ. އޭގެ އިތުރުން، ތާރު އެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީ.އެސް.ބީ) ލޭޔަރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ލޭޔަރުގެ މަގުސަދަކީ، ގާއިމުކުރެވޭ ފެން ހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލައަކުން ރައްކާތެރިވުމެވެ.
މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރުގެ މަގުގެ ރީސަފޭސިން މަސައްކަތް، މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ. ތަރައްގީ ކުރެވޭ މަގުތަކުގައި މަގު ބައްތި، ސީސީޓީވީ ކެމެރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމު ކުރެވޭނެއެވެ.
ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު 4 ލޭންގެ ޑީޓުއާ ލިންކް ރޯޑެއް މި މަޝްރޫއުގެ ދަށުން ގާއިމު ކުރެވޭނެއެވެ.