އައްޑޫ ސިޓީގެ ރަށެއް: ފައިލް ފޮޓޯ އައްޑޫ ސިޓީ ކައުންސިލް ފޭސްބުކް ޕޭޖް

އައްޑޫން ފަތުރުވެރިކަމަށް ދޫކުރާ ބިން ހޯދަން ހުޅުވާލައިފި

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯނުން ދޫކުރާ ބިންތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާކަމަށެވެ.

ފަތުރުވެރިކަމަށް ދޫކުރާ ބިންތަކަށް ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ބިޑް ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެއެވެ. ބިންތަކުގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ރާއްޖޭގެ ފަރާތެއް ނަމަ 2،000 ރުފިޔާ އަދި ބޭރުގެ ފަރާތެއް ނަމަ 300 އެމެރިކާ ޑޮލަރަށެވެ.

ޓޫރިޒަމް މާސްޓާ ޕްލޭން އެކުލަވާލުން އިފްތިތާހުކުރުމަށް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ރަށު ފަތުރުވެރިކަން ތަރައްގީ ކުރުމަށްޓަކައި 11 ރަށަކުން ބީލަމުގެ އުސޫލުން ބިން ދޫކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ހަ ރަށެއް ހިމެނެއެވެ.