ކޮލަމްބޯ-އައްޑޫ ދަތުރުތައް ހުއްޓާނުލާން ނިންމައިފި

ސްރީލަންކަން އެއާލައިންސް އިން އައްޑޫ ސިޓީ ގަމަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެ އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް، އޭސް އޭވިއޭޝަނުން ހާމަކުރި ގޮތުގައި ސްރީލަންކާގެ ކޮލަމްބޯ އިން އައްޑޫ ސިޓީ ގަމަށް ސްރީލަންކަން އެއާލައިންސް އިން ކުރާ ދަތުރުތައް ހުއްޓާ ނުލާނެ ކަމުގެ ޔަގީންކަން ސްރީލަންކަން އެއާލައިންސް އިން މިހާރު ވަނީ ދީފައެވެ.

ދަތުރުތައް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން އެ އެއާލައިނުން ދިނީ، އައްޑޫ ސިޓީ ގަމު އެއާޕޯޓުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ދެ ހަފުތާގެ ތެރޭގައި ކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުން ކަމަށް އޭސް އޭވިއޭޝަނުން ބުނެއެވެ.

ސްރީލަންކަން އެއާލައިންސް އިން ގަމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާކަން އެ އެއާލައިނުން އިއުލާނުކުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ވަގުތީ ގޮތުން ދަތުރުތައް ހުއްޓާލަނީ ގަމު އެއާޕޯޓަށް އޮޕަރޭޓް ކުރުމުގައި ދަތިތަކެއް ދިމާވެ އެކަން ހައްލުނުވެ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ ކަމަށް ސްރީލަންކަން އެއާލައިންސް އިން ބުނެއެވެ.

އައްޑޫ ސިޓީ ގަމާއި ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.