އައްޑޫގެ ފިހާރަ، ކެފޭ އަދި ރެސްޓޯރަންޓްތަކުން ހިދުމަތް ދެވޭ ގަޑިއަށް ބަދަލުތަކެއް
އައްޑޫ ސިޓީގައި އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދެވޭނެ ގަޑިތައް، އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.
އެ ކައުންސިލުން ބުނި ގޮތުގައި، އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދެވޭނެ ގަޑިތައް ކަނޑައެޅީ، މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އެހެން ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން، މިއަދުގެ 18:00 ގެ ފަހުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 06:00 އިން ހަވީރު 18:00 އަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ. 24 ގަޑިއިރު ހިދުމަތްދޭ ތަންތަނުން، އެ އިއުލާނުގައި ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް ހިދުމަތް ދޭން ބޭނުންވާނަމަ އަވަށު އޮފީހުން ހާއްސަ ހުއްދައެއް ހޯދަންވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވެއެވެ.
ހިދުމަތް ދިނުމުގައި ސަމާލުކަން ދޭންޖެހޭ އިތުރު ކަންކަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، ގާޑިޔާތަކުން ހިދުމަތް ދެވޭނީ ހުއްދަ ދެވޭ ފެންވަރުގެ އަތް ދޮވުމުގެ އިންތިޒާމް ހަމަޖެއްސުމުން ކަމަށާއި ގާޑިޔާތަކުގައި ތައްޔާރުކޮށްގެން ވިއްކާ ހެދިކާ، މަސްކާށި އަދި ކޮފީ ފަދަ ތަކެތި ވިއްކުން ވަނީ މަނާކޮށްފައެވެ. ގާޑިޔާތަކުގައި ދެވޭނެ ހިދުމަތަކީ ހަމައެކަނި، ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން ކަމަށާއި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ހިދުމަތް ނުދެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާތަކުގައި ދުފާ ތަކެތި ވިއްކަން ވާނީ ވަކިން ޕެކް ކުރެވިގެން ކަމަށް ވަނީ އަންގާފައެވެ. ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭން ބޭނުންނަމަ، އަވަށު އޮފީހުން ހުއްދަ ހޯދައިގެން، ހަވީރު 18:00 ން ރޭގަނޑު 22:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވިދާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި، އެ ކައުންސިލްގެ އެ އެންގުމާއި ހިލާފުވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅުތައް އެޅޭނެއެވެ.