އެމެރިކާގައި ހުރި އެޕަލްގެ ފިހާރަތައް ހުޅުވަނީ

ކޮވިޑް-19 ފެތުރެމުންދާތީ އެމެރިކާގައި ބަންދުކުރި އެޕަލްގެ ބައެއް ފިހާރަތައް ހުޅުވަން ތައްޔާރުވެއްޖެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، އެމެރިކާގައި ހުރި އެޕަލްގެ ރީޓެއިލް ފިހާރަތައް ބަންދުކުރީ މާޗް މަހުގެ ތެރޭގައެވެ. އެޕަލް އިން ހާމަކުރި ގޮތުގައި އެމެރިކާގައި ހުރި އެޕަލްގެ ބައެއް ފިހާރަތައް އަންނަ ހަފުތާގައި ހުޅުވާނެއެވެ. އެގޮތުން އެމެރިކާގެ އިދާހޯ، ސައުތު ކެރޮލިނާ، އަލަބާމާ އަދި އަލަސްކާގައި ހުރި އެޕަލްގެ ބައެއް ފިހާރަތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އެޕަލް އިން ބުނީ ފިހާރަތައް އަލުން ހުޅުވާއިރު، އިޖުތިމާއީ ގައިދުރުމިން ބެހެއްޓުމަށް އިސްކަންދޭނެ ކަމަށެވެ. ފިހާރައަށް އެއް ފަހަރާ ވަދެވޭ ކަސްޓަމަރުންގެ އަދަދު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެޕަލް އިން ދަނީ އޮންލައިންކޮށް ވިޔަފާރި ކުރުމަށާއި ކޮންޓެކްޓް ލެސް ޑެލިވަރީ އަދި އިން-ސްޓޯރް ޕިކްއަޕް އިހުތިޔާރު ކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރަމުންނެވެ.

ފިހާރަތައް އަލުން ހުޅުވާއިރު، މުވައްޒަފުންގެ ފިނިހޫނުމިން ބަލާނެ ކަމަށާއި މުވައްޒަފުން ފޭސް މާސްކް އަޅަން ޖެހޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. އަދި ކަސްޓަމަރުންނަށް ފޭސް މާސްކް ފޯރުކޮށްދޭނެ ކަމަށްވެސް އެޕަލް އިން ވަނީ ބުނެފައެވެ.

އެމެރިކާގައި އެޕަލްގެ ބައެއް ފިހާރަތައް ހުޅުވާއިރު، އެގައުމުގައި އަދިވެސް ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ.