އައިފޯނު 11 ގައި ފަސޭހައިން ކޫރުން އެޅޭ ކަމުގެ ޝަކުވާ ބޮޑުވަނީ

އެޕަލް އިން އެންމެ ފަހުން ނެރުނު ފޯނު، އައިފޯނު 11 އަދި އައިފޯނު 11 ޕްރޯ ލޯންޗްކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ފޯނު ލޯންޗްކުރަމުން އެޕަލް އިން ބުނި ގޮތުގައި ސްމާޓް ފޯނެއްގައި ހިމެނޭ އެންމެ ވަރުގަދަ ގްލާސް ސްކްރީން ހިމެނޭނީ އެ ފޯނުތަކުގައެވެ. ނަމަވެސް އައިފޯނު 11 އަދި އައިފޯނު 11 ޕްރޯގައި ފަސޭހައިން ކޫރުން އެޅޭކަމުގެ ޝަކުވާ މިވަނީ ބޮޑުވެފައެވެ.

ފަހުގެ އައިފޯނުގައި ކޫރުން އެޅޭތީ އެކަމުގެ ޝަކުވާ، އެޕަލް ސަޕޯޓް ފޯރަމްގައި މީހުން ދަނީ ކުރަމުންނެވެ. އިނގިލި ޖައްސާލާ ތަންތަން ވަރަށް ބޮޑަށް އެނގެން ހުންނަ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އަނެއްބައި ފަރާތްތަކުން ބުނާ ގޮތުން ކޫރުން އެޅޭ ފަދަ އެއްޗެއް ސްކްރީންގައި ނުޖެހޭ ގޮތަށް ފަރުވާތެރިކަމާއެކު ގެންގުޅުނު ނަމަވެސް އައިފޯނު 11 ގައި ކޫރުން އެޅެއެވެ.

"އަހަރެންގެ އައިފޯނު 7 އަށް ތިން އަހަރު ވެއްޖެ. އަހަރެންގެ އައިފޯނު 11 އަށް އަދި މިވީ ހަފުތާއެއް. އައިފޯނު 11 ގެ ހާލު މިހާރު މާބޮޑު" މީހަކު ޝަކުވާކޮށްފައިވެއެވެ.

އެޕަލް އިން މިއަހަރު ވަނީ އައިފޯނުގެ 3 މޮޑެލްއެއް ތައާރަފުކޮށްފައެވެ. އެއީ އައިފޯނު 11 އާއި އައިފޯނު 11 ޕްރޯ އަަދި އައިފޯނު 11 ޕްރޯ މެކްސްއެވެ.