އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނީ 1.5 ބިލިއަން ރުފިޔާ
އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 1.52 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 2.81 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިއަހަރު ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އަންދާޒާކޮށްފައި ވީނަމަވެސް، ފާއިތުވި މަސްތަކުގައި ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު ވަނީ ދަށަށް ގޮސްފައެވެ.
މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ (ސީ.އައި.އެފް އަގު) 1.9 ބިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު އިމްޕޯޓް ކުރެވުނު މުދަލުގެ (ސީ.އައި.އެފް އަގު) 3.7 ބިލިއަން ރުފިޔާއަށް އަރައެވެ.
މިއަހަރުގެ އޮގަސްޓް މަހު އިމްޕޯޓް ކުރެވުނު މުދަލުގެ (ސީ.އައި.އެފް އަގު) 2.1 ބިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު އިމްޕޯޓް ކުރެވުނު މުދަލުގެ (ސީ.އައި.އެފް އަގު) 3.3 ބިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ (ސީ.އައި.އެފް އަގު) 1.9 ބިލިއަން ރުފިޔާއަށް އަރައެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ (ސީ.އައި.އެފް އަގު) 3.8 ބިލިއަން ރުފިޔާ އަށް އަރައެވެ.