ޕޯޓްސް ސަރަހައްދު: ފައިލް ފޮޓޯ މޯލްޑިވްސް ޕޯޓްސް

މުދާ އިމްޕޯޓްކުރި މިންވަރު ދަށަށް ހިނގައްޖެ

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ދަށަށް ހިނގައްޖެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިގެން ދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ހަތަރު ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، މެޝިނަރީ އަދި ތެލެވެ. ޖެނުވަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރީ ޔޫއޭއީ، ޗައިނާ އަދި އިންޑިއާ އިންނެވެ.

މުދާ އެތެރެކުރި މިންވަރު މަދުވުމާއި ގުޅިގެން، މިދިޔަ އަހަރުގެ ޖެނުވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 10 އިންސައްތަ ދަށްވެފައެވެ. ކަސްޓަމްސް ޑިއުޓީގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ލިބުނީ 272 މިލިއަން ރުފިޔާއެވެ.

އިމްޕޯޓް ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ ޖެނުވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ 21 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން 347 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު މިއަހަރުގެ ޖެނުއަރީ މަހުގެ އެކްސްޕޯޓް ވަނީ 420 މިލިއަން ރުފިޔާއަށް އަރާފައެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑް، ޖަރުމަނު އަދި އެމެރިކާއަށެވެ.