އެމްޕީއެލް ބަނދަރު ސަރަހައްދު: ފައިލް ފޮޓޯ ކަސްޓަމްސް

މިދިޔަ މަހު 4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި

މިދިޔަ އެޕްރީލް މަހު ރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން އާންމުކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން 2018 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އެޕްރީލް މަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވުނު މިންވަރު ވަނީ ނުވައެއް އިންސައްތަ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.

އެޕްރީލް މަހު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 14 އިންސައްތަ އިތުރުވެފައެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ މަހު 300 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު 2018 ވަނަ އަހަރުގެ އެޕްރީލް މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 262 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އެޕްރީލް މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ 14 އިންސައްތަ ދަށްވެފައެވެ. މިއަހަރުގެ އެޕްރީލް މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 324 މިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ އެޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެޕްރީލް މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން 23 އިންސައްތަ މުދާ އިމްޕޯޓްކޮށްފައިވަނީ ޔޫއޭއީ އިންނެވެ. މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. އެޕްރީލް މަހުގެ އެކްސްޕޯޓްގެ 46 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.