ކޭޝްފްލޯ ޕްލޭން ފިނޭންސަށް ހުށަހެޅުމަށް އަންގައިފި
ދައުލަތުގެ އޮފީސްތަކުން އަހަރީ ކޭޝްފްލޯ ޕްލޭން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ދައުލަތުގެ އޮފީސްތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޖެޓާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކުރާ ބަޖެޓްގެ ކޭޝް ފްލޯ ޕްލޭން ތައްޔާރުކުރުމަށާއި، އެ ކޭޝް ފްލޯ ޕްލޭނަށް ބިނާކޮށް ހަވާލާދީފައިވާ މާއްދާގައި ބަޔާންކުރާ ޑިސްބާސްމަންޓް ޖަދުވަލުތައް ތައްޔާރުކޮށް، މިއަހަރު ނިމުމުގެ ކުރިން އެ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
މިނިސްޓާ އޮފް ފިނޭންސް އިބްރާހީމް އަމީރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެ ބަޖެޓާބެހޭ ސާކިއުލާގައި ވަނީ ދައުލަތުގެ އެންމެހާ އޮފީސްތަކުން އަހަރީ ކޭޝްފްލޯ ޕްލޭން ތައްޔާރުކޮށް މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައެވެ.
އެ ސާކިއުލާގައި ބުނެފައިވާ ގޮތުން ދައުލަތުގެ އޮފީސްތަކުގެ ބަޖެޓް ދޫކުރެވޭނީ، އެ އޮފީހެއްގެ ކޭޝްފްލޯ ޕްލޭން ފިނޭންސް މިނިސްޓްރީއަށް ލިބިގެންނެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑިސްބާސް ކުރުމަށް ހަމަޖެހިފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް ޑިސްބާސްމަންޓް ޕްލޭން އާއި އެއްގޮތްވާ ގޮތުގެ މަތިން މަހުން މަހުން ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރާނެ ގޮތުގެ ގައިޑްލައިން ހިމަނާފައެވެ.
އަންނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި 37.8 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއް ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ފާސްވެފައިވަނީ ކޮމިޓީ މަރުހަލާގައި، ބަޖެޓަށް އިތުރުކުރި 366 މިލިއަން ރުފިޔާއާއެކުގައެވެ.