އައްޑޫ ކަރަންޓު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އިކޮނޮމިކް މިނިސްޓްރީ

އައްޑޫގެ ކަރަންޓު މަޝްރޫއު 570 މިލިއަން ރުފިޔާއަށް ޗައިނާގެ ކުންފުންޏަކަށް

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ގެ މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފިއެވެ.

އައްޑޫގައި 20 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސަރުކާރުން އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކްއާއެވެ. އެ ކުންފުންނަކީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ނެޓްވޯކް ގުޅުވުމުގެ މަޝްރޫއުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކުންފުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، އައްޑޫ ކަރަންޓު މަޝްރޫއު ޑޮންގްފަންގްއާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. މަޝްރޫއަށް ޑޮންގްފަންގް އިން ހަރަދުކުރި ފައިސާ، 10 އަހަރުގެ ތެރޭގައި ސަރުކާރުން އަނބުރާ ދައްކަންޖެހެއެވެ.

މިއަދު ހަވާލުކުރެވުނު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ދެ މަސް ތެރޭގައި ފަށައި، 15 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.