އައްޑޫ އެއާޕޯޓްގައި އޭއޭއޭ އިން ހިންގާ އެކަޑަމީގައި ބޭނުންކުރާ ފްލައިޓްތަކެއް: ފައިލް ފޮޓޯ އޭއޭއޭ ފޭސްބުކް

ފްލައިން އެކަޑަމީއެއް ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

އޭއައިއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޔޫރަޕިއަންޔޫނިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އީއޭއެސްއޭ) އިން އެކްރެޑިޓްކޮށްފައިވާ ފްލައިޓް ޓްރެއިނިން އެކަޑަމީއެއް އެ އެއާޕޯޓްގައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ފްލައިޓް ޓްރެއިނިން އެކަޑަމީ ހިންގާ ފަރާތުން، އެކަމަށް ބޭނުންވާ ސާމާނާއި އެއާކްރާފްޓާއި ސިމިއުލޭޓާ ހޯދަން ޖެހެއެވެ.

އެކަޑަމީ ހިންގާނެ ބަޔަކު ހޮވުމުގައި އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތަޖުރިބާ އާއި މާލީ ގާބިލުކަމަށް ބަލާނެ ކަމަށް އޭއައިއޭ އިން ބުނެއެވެ.

އޭއައިއޭގައި ފްލައިޓް ޓްރެއިނިން އެކަޑަމީއެއް ހިންގާނެ ބަޔަކު ހޯދުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް އިއުލާނުކުރިއެވެ.

ފްލައިޓް ޓްރެއިނިން އެކަޑަމީއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި މިވަނީ، އޭއައިއޭގައި 2010 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ފްލައިން ސްކޫލު، އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ބަންދުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވަނިކޮށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޭއޭއޭ އިން ބުނި ގޮތުގައި އެކުންފުނިން ދަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިން ސްކޫލެއް ހިންގުމަށް ތައްޔާރުވަމުންނެވެ.