ތިލަފުށީގައި ގާއިމުކޮށްފައިވާ ކެމިކަލް ގުދަނެއް: ފޮޓޯ ޓްވިޓާ

ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަނީ

މާލޭގައި ގުދަންކޮށްފައި ހުރި ކެމިކަލްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން ބުނި ގޮތުގައި، މާލޭގައި ގުދަންކޮށްފައި ހުރި ކެމިކަލްތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ސަލާމަތީ ގިނަ ފިޔަވަޅުތަކަކާއިއެކު ތިލަފުށީގައި ހަދާ ގުދަންތަކުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގެ ކެމިކަލް ގުދަންތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހުއެވެ.

ކެމިކަލް ގުދަންތައް ބަދަލުކުރުމުގެ ގޮތުން ތިލަފުށިން ސަރަހައްދެއް ކަނޑައަޅައި، ގުދަންތަކުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރީ 9.5 މިލިއަން ރުފިޔާއަށެވެ.

ޖީއެމްއައިޒެޑްއެލް އިން ހާމަކުރި ގޮތުގައި، މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތަކުގެ ތެރެއިން މިވަގުތު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފުން މިހާރުން މިހާރަށް ބަދަލުކުރަން އަންގާފައިވާ 34 ގުދަނެވެ.