ދައުލަތުގެ އާމްދަނީ ދަށްވެ، ހަރަދު އިތުރުވެއްޖެ
ދައުލަތަށް ލިބުނު އާމްދަނީ ދަށްވެ، ހަރަދު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފުސީލު އާންމުކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އަދި ހަރަދު ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 3.4 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް 4.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދަށްކައެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ޓެކްސް އާމްދަނީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 470 މިލިއަން ރުފިޔާ އަދި އެހީގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން 3.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ހަރަދަށް ހޭދަވެފައިވަނީ 3.5 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.