ގުޅީފަޅު ބިންހިއްކުން 53 މިލިއަން ޑޮލަރަށް ބޮސްކާލިސްއަށް

ކ. ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާއި 53 މިލިއަން ޑޮލަރަށް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާރ އިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން 16 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 4 ކިލޯ މީޓަރުގެ ތޮއްޓެއްލެވިގެންދާނެއެވެ. އެ މަސައްކަތް ނިންނުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ބޮސްކާލިސްގެ ފަރާތުން ސޮއިކުރެއްވީ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑެވެ.

މާލޭގެ ތޮއްޖެހުމާއި، ކާރޫބާރޫއަށް ލުއި ހޯދުމަށްޓަކައި، މާލޭ ކޮމާޝަލް ބަނދަރު ގުޅީފަޅަަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ބޮސްކާލިސްއަކީ ބިން ހިއްކުމާއި، ކަނޑުފަޅުގައި ގާއިމުކުރާ އެކި ބާވަތްތަކުގެ އުމްރާނީ ވަސީލަތުގެ މަސައްކަތް ދުނިޔޭގެ ފެންގަރުގައި ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ 2007 އިން 2015 އަށް ރާއްޖޭގެ މީހުން ދިރިއުޅޭ 10 ރަށެއްގައި ޖުމްލަ 198 ހެކްޓަރުގެ ބިން ހިއްކާފައެވެ.