ޖޫޑް ލޯ

ކެޕްޓަން ހޫކްގެ ރޯލަށް ޖޫޑް ގެންނަން މަޝްވަރާ ކުރަނީ

ލައިވް އެކްޝަން ފިލްމް "ޕީޓަ ޕޭން އެންޑް ވެންޑީ" ގައި ވިލަން ކެޕްޓަން ހޫކްގެ ރޯލަށް އެކްޓަރު ޖޫޑް ލޯ ހަމަޖެއްސުމަށް، މަޝްވަރާތައް ކުރެވެން ފަށައިފިއެވެ.

މި ފިލްމްގެ ޑައިރެކްޓަރަކީ ޑޭވިޑް ލޮވެރީއާއެވެ. މި ފިލްމްގެ ސްކްރީންޕްލޭ ލިޔެފައިވަނީ ޑޭވިޑް އާއި ޓޮބީ ހޮލްބުރޫކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ޕީޓަ ޕޭންގެ ރޯލަށް ހަމަޖައްސާފައިވަނީ އެލެގްޒެންޑާ މޮލޮނީއެވެ. އަދި ވެންޑީގެ ރޯލުން ފެނިގެންދާނީ އިވާ ގަބޯ އެންޑަސަންއެވެ.

ޑިޒްނީ އިން "ޕީޓަ ޕޭން" ކާޓޫން ގެނެސް ދިނީ 1953 ވަނަ އަހަރުއެވެ. މީގެ ކުރިން ބައެއް އެހެން ސްޓޫޑިއޯތަކުން ވަނީ ޕީޓަ ޕޭންގެ ފިލްމްތަކެއް ރިލީޒްކޮށްފައެވެ. އޭގެ ތެރޭގައި ސްޓީވެން ސްޕީލްބާގް ޑައިރެކްޓްކޮށް 1991 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ހޫކް" އާއި ޔުނިވާސަލް ޕިކްޗާސް އާއި ސޮނީ ޕިކްޗާސް ރިލީޒިން އިން 2003 ވަނަ އަހަރު "ޕީޓަ ޕޭން" ގެ ނަމުގައި ގެނެސް ދިން ފިލްމް ހިމެނެއެވެ.

ކުރިން ގެނެސްދިން ކާޓޫންތައް ލައިވް-އެކްޝަން ފިލްމްގެ ގޮތުގައި ޑިޒްނީ އިން ދަނީ އަލުން އުފައްދަމުންނެވެ. އެގޮތުން ޑިޒްނީ އިން ގެނެސްދިން ލައިވް-އެކްޝަން ރިމޭކް ފިލްމްތަކުގެ ތެރޭގައި "ޑަމްބޯ" އާއި "ދަ ލަޔަން ކިންގް" އާއި "ބިއުޓީ އެންޑް ދަ ބީސްޓް" އަދި "ދަ ޖަންގަލް ބުކް" ހިމެނެއެވެ.