ގޯއެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ
އިންޑިއާގެ ލޯ-ކޮސްޓް އެއާލައިން ގޯއެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.
ގޯއެއާ އިން މިހާރު ދަނީ ބެންގަލޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ހަފުތާއަކު ދެ ދަތުރު އަދި ނިއު ދިއްލީ އިން ވީއައިއޭއަށް ހަފުތާއަކު ތިން ދަތުރު ކުރަމުންނެވެ. އޭގެ އިތުރުން މުމްބާއީ އިން ވީއައިއޭއަށް ހަފުތާއަކު ހަތަރު ދަތުރު އެ އެއާލައިނުން ކުރެއެވެ.
ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލުމަށް އެ އެއާލައިނުން ނިންމާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ގޯއެއާއިން ބުނި ގޮތުގައި އެ އެއާލައިނުން ދަތުރުކުރަނީ ސީޒަނަށާއި ލޯޑު ލިބޭ މިންވަރަކުންނެވެ. ރާއްޖެއަށް ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށާއި އެހެން ކަމުން ޖުލައި މަހުން ފެށިގެން އޮކްޓޯބަރު މަހާ ދެމެދު ރާއްޖެއަށް ކުރާ ދަަތުރުތައް މެދުކަނޑާލަން ނިންމީ ކަމަށް ގޯއެއާއިން ބުނެއެވެ.
އޮކްޓޯބަރު މަހަށްފަހު އަލުން ރާއްޖެއަށް ދަތުރުތައް ފެށުމާއި މެދު މެނޭޖްމަންޓުން ގޮތެއް ނިންމާނެ ކަމަށް ގޯއެއާއިން ބުނެއެވެ.