އެއާ އިޓަލީގެ ފްލައިޓެއް

އެއާ އިޓަލީން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި

އިޓަލީގެ އެއާލައިނެއް ކަމަށްވާ "އެއާ އިޓަލީ" ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

އެ އެއާލައިނުން ހާމަކުރި ގޮތުގައި ރާއްޖެއަށް ދަތުރުތައް ފަށާނީ މިއަހަރުގެ ފިނި މޫސުމުގައެވެ. މިއަހަރުގެ ފިނިމޫސުމުގައި އެއާ އިޓަލީން ދަތުރުތައް ފަށާ އިތުރު މަންޒިލުތަކުގެ ތެރޭގައި ތަންޒާނިއާގެ ރަށެއް ކަމުގައިވާ ޒެންޒިބާރާ އާއި ސްޕެއިންގެ ރަށެއް ކަމުގައިވާ ޓެނެރިފޭ އަދި ކެންޔާގެ ސިޓީއެއް ކަމުގައިވާ މޮމްބާސާ ހިމެނެއެވެ.

އެއާ އިޓަލީން މިހާރު ދަތުރު ކުރާ ބައެއް މަންޒިލުތަކުގެ ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.  ރިޕޯޓްތައް ބުނާ ގޮތުން އެއާ އިޓަލީން ހުއްޓާލުމަށް ނިންމާފައިވަނީ އެމެރިކާގެ ލޮސް އެންޖެލްސް އާއި ސެން ފްރެންސިސްކޯ އަދި ކެނެޑާގެ ޓޮރޮންޓޯއަށް ކުރާ ދަތުރުތަކެވެ.

އިޓަލީ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ.  މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އިޓަލީގެ 52،848 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.