ފްލައިމީގެ ފްލައިޓެއް--ފައިލް ފޮޓޯ ފްލައިމީ

ފްލައިމީން ބައިނަލްއަގްވާމީ ދަތުރުތައް ފަށަނީ

ރާއްޖެއިން ބޭރަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފްލައިމީ އިން ބުނެފިއެވެ.

އޭވިއޭޝަންގެ ހަބަރުތައް ގެނެސްދޭ ސްމާޓްއޭވިއޭޝަނަށް މައުލޫމާތު ދެއްވަމުން ފްލައިމީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި ފްލައިމީ އިން އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީ ކޮޅުއެވެ.  ނަމަވެސް ބައިނަލްއަގްވާމީ ދަތުރުތަކާއި ގުޅޭ ގޮތުން އިތުރު ތަފުސީލެއް އެ ނޫހުގައި ހާމަ ކޮށްފައިނުވެއެވެ.

ފްލައިމީން މިހާރު ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ހަތަރު މަންޒިލަކަށް ދަތުރު ކުރަމުންނެވެ. އެ ގޮތުން ދަރަވަންދޫ، މާމިނގިލި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ދަނީ ދަތުރުކުރަމުންނެވެ.

އެ އެއާލައިނުން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަމުންދަނީ އޭޓީއާރު500-42 މަރުކާގެ ފްލައިޓެވެ.