މީގެ ކުރިން ބޭއްވި އައިޓީބީ ފެއާއެއްގައި ރާއްޖޭގެ ސްޓޯލެއް: ފައިލް ފޮޓޯ ވިޒިޓް މޯލްޑިވްސް ފޭސްބުކް

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އައިޓީބީ ފެއާ ކެންސަލްކޮށްފި

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އައިޓީބީ ބާލިން 2020 ކެންސަލްކޮށްފިއެވެ. އައިޓީބީ ބާލިން ކެންސަލްކުރީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 ނުވަތަ ކޮރޯނާވައިރަސް އާއި ގުޅިގެން ފެއާ އިންތިޒާމުކުރާ "މެސް ބާލިން" އިންނެވެ.

ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާ، މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ މާޗް 4 ން 8 އަށެވެ.

"މެސް ބާލިން" އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިއީ އެ ފެއާ ބާއްވާތާ 54 އަހަރުގެ ތެރޭގައި ފެއާ ކެންސަލް ކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުން 10000 އަށްވުރެ ގިނަ އެކްޒިބިޓަރުން ބައިވެރިވާ މި ފެއާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިންމު ފެއާއެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުންވެސް އައިޓީބީ ބާލިން ފެއާގައި ބައިވެރިވެއެވެ. މި އަހަރުގެ ފެއާގައި ރާއްޖޭގެ 99 ކުންފުންޏަކުން ބައިވެރިވާން އޮތީ ހަމަޖެހިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަނުން މިހާތަނަށް 60 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވެއެވެ. އަދި ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން 1000 އަށްވުރެ ގިނަ މީހުން ވަނީ ކަރަންޓީނުކޮށްފައެވެ.