ވީއައިއޭ: ފައިލް ފޮޓޯ އެމްއޭސީއެލް

ވީއައިއޭގައި ފަސިންޖަރުންނަށް ހިލޭ ވައިފައި ދޫކުރާ ވަގުތު އިތުރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިދުމަތް ހޯދާ ފަސިންޖަރުންނަށް ހިލޭ ވައިފައި ލިބޭ ވަގުތު އިތުރުކޮށްފިއެވެ.

އެއާޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި ފަސިންޖަރަކަށް ހިލޭ ވައިފައި ދޫކުރަމުން އައީ 30 މިނެޓަށެވެ. މިހާރު ފަސިންޖަރަކަށް އެއް ގަޑިއިރަށް ހިލޭ ވައިފައި ލިބޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ ވީއައިއޭގެ އިންޓަނޭޝަނަލް އަދި ޑޮމެންޓިކް ޓާމިނަލްގެ އެރައިވަލް އަދި ޑިޕާޗާއިން ފަސިންޖަރުންނަށް ހިލޭ ވައިފައި ލިބިގެންދާނެ ކަމަށެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، އާ އިންޓަނޭޝަނަލް ފަސެންޖާ ޓާމިނަލެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އާ ފަސެންޖާ ޓާމިނަލް ހަދަނީ 78000 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އާ ރަންވޭއެއްވެސް ވަނީ އަޅާފައެވެ. ކޯޑް-އެފްގެ މި ރަންވޭގެ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މި ރަންވޭއަކީ އޭ380 މަރުކާގެ މަތިންދާބޯޓަށްވެސް ހިދުމަތް ދެވޭ ފެންވަރުގެ ރަންވޭއެކެވެ.