ވީއައިއޭގެ ހުޅަނގުގައި ތަރައްގީކުރާ އާ އެޕްރޮން: ފޮޓޯ އެމްއޭސީއެލް

ވީއައިއޭގެ އާ އޭޕްރަންގެ ބޮޑުބައި ނިންމާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުޅަނގު ކޮޅުގައި، މަތިންދާބޯޓު ޕާކްކުރުމަށް ހަދާ އާ އޭޕްރަންގެ މަސައްކަތުގެ ފުރަތަމަ ބައި ނިމިއްޖެއެވެ.

އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި އެއާޕޯޓްގެ ހުޅަނގުގައި ތަރައްގީ ކުރަނީ 70،000 އަކަމީޓަރުގެ އޭޕްރަންއެކެވެ. އޭޕްރަންގެ ލައިންތައްވެސް ކުރަހާ ވަނީ ނިމިފައެވެ.

އެމްއޭސީއެލް އިން ބުނީ އެ އޭޕްރަންގައި ކޯޑް ސީ މަަރުކާގެ ހަތް މަތިންދާބޯޓާއި ކޯޑް އީ މަރުކާގެ ދެ މަތިންދާބޯޓް ޕާކް ކުރެވޭނެ ކަމަށެވެ. ކޯޑް ސީ މަރުކާގެ ފްލައިޓްގެ ފިޔަގަނޑުގެ ދިގުމިނުގައި އެއްކޮޅުން އަނެއްކޮޅަށް ހުންނާނީ 24 މީޓަރާއި 36 މީޓަރާ ދެމެދެވެ. ކޯޑް ސީ މަރުކާގެ ފްލައިޓްތަކުގެ ތެރޭގައި ބޮއިންގް 700-737 އާއި އެއާބަސް އޭ-320 ހިމެނެއެވެ. ކޯޑް އީ މަރުކާގެ ފްލައިޓްތަކުގެ ފިޔަގަނޑުގެ ދިގުމިނުގައި ހުންނާނީ 52 މީޓަރާއި 65 މީޓަރާ ދެމެދެވެ. މި މަރުކާގެ ފްލައިޓްތަކުގެ ތެރޭގައި ބީ777 ސީރީޒް، ބީ787 ސީރީޒް އަދި އޭ330 ހިމެނެއެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެއާޕޯޓްގެ އިރުމަތީ ފަރާތުގައިވެސް ވަނީ، މަތިންދާބޯޓް ޕާކްކުރުމަށް އޭޕްރަންއެއް ތަރައްގީކޮށްފައެވެ. އޭގެ އިތުރުން ކޮމާޝަލް ދަތުރުތަކުގައި ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރުގެ ކޯޑް އެފް ސްޓޭންޑަޑްގެ ރަންވޭއެއްވެސް ވަނީ ހަދާފައެވެ.