އާ އޭޕްރަންގައި ފްލައިޓް މިއަދު ޕާކްކުރަނީ: ފޮޓޯ އެމްއޭސީއެލް

ވީއައިއޭގެ އާ އޭޕްރަން ބޭނުންކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހެދި އޭޕްރަން ރަސްމީކޮށް ހުޅުވައި، މިއަދު ބޭނުން ކުރަން ފަށައިފިއެވެ.

އާ އޭޕްރަންގައި އެންމެ ފުރަތަމަ ޕާކްކުރީ، ބެންކޮކް އިން ރާއްޖެ އައި މޯލްޑިވިއަންގެ އޭ320 ގެ ފްލައިޓެކެވެ. އެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ވޯޓާ ސެލިއުޓެއް އަރުވާފައެވެ.

މިއަދު ބޭނުންކުރަން ފެށި އޭޕްރަންއަކީ 70 ހާސް އަކަމީޓަރުގެ އޭޕްރަންއެކެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި އާ އޭޕްރަންގައި، 5 ވައިޑް ބޮޑީ އަދި 1 ނެރޯ ބޮޑީ ފްލައިޓް ނުވަތަ 2 ވައިޑް ބޮޑީ އާއި 7 ނެރޯ ބޮޑީ ފްލައިޓް ބޭއްވޭނެއެވެ.

އެ އޭޕްރަންއަކީ ބައިނަލްއަގްވާމީ އެއާޕޯޓްތަކުގައި ބޭނުންކުރާ ފެންވަރަށް ތަރައްގީކޮށްފައިވާ އޭޕްރަންއެކެވެ. އޭޕްރަންގައި މާކްތައް ކުރަހާފައިވާއިރު، މުވައްޒަފުން ތިބޭނެ ތަންތަނާއި އިކުއިޕްމަންޓް ބަހައްޓާނެ ތަންތަނާއި ފްލައިޓް އޭޕްރަންއަށް ވަންނަންވީ ގޮތް ވަނީ ފާހަގަކޮށްފައެވެ.

ވީއައިއޭގައި ފްލައިޓް ޕާކިން އޭރިޔާ ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އޭޕްރަން ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާއިރު އެއީ 62 އަކަމީޓަރުގެ އޭޕްރަންއެކެވެ.