ޕީޕީއީގައި ޓީމަކުން ހަރަކާތްތެރިވަނީ: ފައިލް ފޮޓޯ އެޗްޕީއޭ

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ރިސޯޓެއް ހޯދަނީ

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ހަމަޖެއްސުމަށް ރިސޯޓެއް ކަނޑައެޅުމަށް ނިންމާ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ރިސޯޓެއް ހޯދަނީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށެވެ.

އިއުލާނާއެކު ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުން ފެސިލިޓީގައި އައިސޮލޭޝަން އަދި ކަރަންޓީނަށް ބޭނުންކުރެވޭ ގޮތަށް މަދުވެގެން 50 ކޮޓަރި ހުންނަންޖެހޭނެއެވެ. އަދި އެ ރިސޯޓަކީ މާލެ އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، ޅ. އަތޮޅު އަދި ބ. އަތޮޅުގައި ހުންނަ ރިސޯޓަކަށްވާން ޖެހޭނެއެވެ.

މައުލޫމާތު ކަރުދާހުގައިވާ ގޮތުން، ފެސިލިޓީ މަދުގެން ތިން މަސް ދުވަހަށް ލިބެން ޖެހޭނެއެވެ. އައިސޮލޭޝަން އަދި ކަރަންޓީންގައި ތިބޭ މީހުންނަށް އެކޮމޮޑޭޝަންއާއެކު އިންޓަނޭޝަނަލް ކެއުން ހިމެނޭ ގޮތަށް ތިން އިރުގެ ކެއުން ލިބެން ޖެހޭނެއެވެ. އޭގެ އިތުރުން ސައި / ކޮފީ ލިބޭނެ އިންތިޒާމާއި އިންޓަނެޓްގެ ހިދުމަތާއި ޓީވީގެ ހިދުމަތާއި (މަދުވެގެން އިންޓަނޭޝަނަލް 10 ޗެނަލް ލިބޭ ގޮތަށް) ލޯންޑްރީގެ ހިދުމަތްވެސް ލިބެން ޖެހޭނެ ކަމަށް މައުލޫމާތު ކަރުދާހުގައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި މީގެ ކުރިން ރާއްޖޭގައި ރިސޯޓް ބޭނުންކޮށްފައިވެއެވެ.