ރަންދެލި ރިސޯޓް: ފައިލް ފޮޓޯ ރަންދެލި ފޭސްބުކް ޕޭޖް

ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 1097 ޑޮލަރު

މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ދިން ރިސޯޓަކަށް ޝެވަލް ބްލޮންކް ރަންދެލި ރިސޯޓް ވެއްޖެއެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މިންވަރު ހާމަކުރާ "މޯލްޑިވްސްއެސްސީ.ކޮމް" ގެ އޮކްޓޫބަރު 2019 ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1097 ޑޮލަރު (16،915.74 ރުފިޔާ) ދީފައެވެ.

ސާވިސް ޗާޖުގެ ގޮތުގައި ދެވަނައަށް އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ދިނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 916.03 ޑޮލަރު (14،125.18 ރުފިޔާ) ދީފައެވެ.

ތިންވަނައަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދިނީ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 662.10 ޑޮލަރު (10،209.58 ރުފިޔާ) ދީފައެވެ.

"މޯލްޑިވްސްއެސްސީ.ކޮމް" ގައި މިހާތަނަށް އާންމުކޮށްފައިވަނީ ރާއްޖޭގެ 52 ރިސޯޓަކުން މުވައްޒަފުންނަށް އޮކްޓޫބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ދިން އަދަދެވެ.