ސިނަމާލެ ބްރިޖް: ފައިލް ފޮޓޯ ހައުސިން މިނިސްޓްރީ ފޭސްބުކް

މާލެ-ތިލަފުށި ބްރިޖަށް 410 މިލިއަން ރުފިޔާ

މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖްގެ މަޝްރޫއު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

މާލެ-ތިލަފުށި ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ފެށުމަށްޓަކައި ދައުލަތުގެ އާންމު ބަޖެޓުން އަންނަ އަހަރު 105.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ބަޖެޓްގައިވާ ގޮތުން އެ މަޝްރޫއަށް ޖުމުލަ 410.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، 2020 ވަނަ އަހަރުގެ ބަޖެޓް ބަޔާޏް އިއްވަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރް ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދު އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރް ވިދާޅުވި ގޮތުގައި މާލެ-ތިލަފުށި ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ދިރާސާތަކުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.