ޓީޓީއެމްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު ޓްރެވަލް ޓްރޭޑް ޝޯ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ޓީޓީއެމް އަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްއަގްވާމީ ޓްރެވެލް އޭޖެންޓުންގެ ވިއުގައާއި ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޕްލެޓް ފޯމެކެވެ. މި އިވެންޓަކީ، ރާއްޖޭއާއި ރާއްޖޭއިން ބޭރުގެ އެތައް ސަތޭކަ ހޮޓެލިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަންކޮށްދޭ، ބީޓުބީ އިވެންޓެކެވެ.
ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސްއަށް އަމާޒުކޮށް ބޭއްވިގެންދާ މިއަހަރުގެ ޓީޓީއެމް އިވެންޓްގައި ފަތުރުވެރިކަމުގެ ދާއިރާގައި އެނަލެޓިކްސް، ޑައިނަމިކް ޕްރައިޒިންގ، ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޓީޓީއެމް ފެއާގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖެހިގެން ދިއުމާއި ގުޅިގެން އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ޓީޓީއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނެސް، ފަތުރުވެރިކަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުން ކަމަށެވެ.
"ޑިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުންދީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫ އިން ކުރަމުންދާ ތަފާތު މަސައްކަތްތަކާއި، ޓީޓީއެމް ޕްލެޓްފޯމު އަދި މިއަހަރުގެ ތީމް ކަމަށްވާ "ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް" ވަނީ ވަރަށް ބޮޑަށް ގުޅިފައި" ނަޖީބް ޚާން ވިދާޅުވިއެވެ.
އޯކާ މީޑިއާ ގްރޫޕާއި ގުޅިގެން، ޓީޓީއެމް އަށް އުރީދޫން ފޯރުކޮށްދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަކީ ލިބޭ އުފަލެއް ކަމަށްވެސް ނަޖީބް ޚާން ވިދާޅުވިއެވެ.
އޯކާ މީޑިއާ ގްރޫޕްގެ ސީއީއޯ ޑރ. ހުސެން ސަނީ އުމަރު ވިދާޅުވި ގޮތުގައި ޤައުމުގެ އިޤްތިސާދީ އަމާޒުތަކާއި، ފުދުންތެރިކަން އިތުރު ކުރުމުގައި އުރީދޫއަކީ އަބަދުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ އުފެއްދުންތެރި ބްރޭންޑެކެވެ. އަދި 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ފަތުރުވެރިކަމުގެ ސިނާއަތަށް އުރީދޫން އެއްބާރުލުން ދެމުންނެވެ.
"މި ގޮތުން، ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު ޓްރެވަލް ޓްރޭޑް ޝޯ ކުރިއަށް ގެންދިއުމުގައި ބައިވެރިވުމަކީ، މި އަމާޒާއި ހަމައަށް ވާސިލްވުމަށްޓަކައި ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭ މުހިންމު އެހީތެރިކަމެއް" ޑރ. ހުސެން ސަނީ އުމަރު ވިދާޅުވިއެވެ.
މިއަހަރުގެ ޓީޓީއެމް ކުރިއަށްދާނީ މިމަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ފެއާގައި، 300 އަށްވުރެ ގިނަ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި، ރިސޯޓުތަކާއި ހޮޓާތަކުގެ ވެރިންނާއި ޑިވެލޮޕަރުންނާއި ކޮންސަލްޓެންޓުން އަދި ދާއިރާގެ މާހިރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.