ތަފާސްހިސާބު: ރާއްޖޭގައި 850000 އަށްވުރެ ގިނަ މޯބައިލް ފޯނު ބޭނުންކުރޭ

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 857،934 މޯބައިލް ފޯނު ސަބްސްކްރައިބްކޮށްފިއެވެ.

ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުން ފޯރުކޮށްދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ސަބްސްކްރައިބްކޮށްފައިވަނީ 710،472 ޕްރީޕެއިޑް ސިމާއި 147،462 ޕޯސްޓްޕެއިޑް ސިމެވެ. މިއީ އާބާދީގެ ކޮންމެ 100 މީހަކަށް 246.9 މޯބައިލް ފޯނު ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިންޓަނެޓަށް، މިދިޔަ އަހަރުގެ ނިޔަލަށް 334،346 މީހުން ސަބްސްކްރިޕްޝަން ހަދާފައިވެއެވެ. އޭގެ ތެރޭގައި މޮބައިލް އިންޓަނެޓް ބޭނުންކުރާ މީހުންވެސް ހިމެނޭއިރު މިއީ ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހަކަށް 96.2 އިންޓަނެޓް ސަބްސްކްރިޕްޝަނެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 18،754 ފިކްސްޑް ޓެލެފޯނު ލައިން ބޭނުންކުރަމުން ގޮސްފައިވެއެވެ.