އެމްއެމްއޭ: ފައިލް ފޮޓޯ އެމްއެމްއޭ

އެމްއެމްއޭ އިން ވަކި ލާރި ދޫކުރުމުގެ ހިދުމަތް އަލުން ފަށައިފި

ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ހިދުމަތް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލުން ފަށައިފިއެވެ.

އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން މިމަހުގެ ނިޔަލަށް އެ ހިދުމަތްތައް ދެމުންގެންދާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

އެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓްގެ އުސޫލުންނެވެ. އެޕޮއިންޓްމެންޓް ހެދުމަށް އެމްއެމްއޭގެ ނަންބަރު 7919292 އަށް، ހިދުމަތް ހޯދުމަށްދާ ފަރާތުގެ ނަން، އައިޑީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ގުޅޭނެ މޮބައިލް ނަންބަރު އަދި ހޯދުމަށް ބޭނުންވާ ހިދުމަތް ލިޔުމަށްފަހު އެސްއެމްއެސް ނުވަތަ ވައިބާ މެދުވެރިކޮށް ފޮނުވަންޖެހެއެވެ. އެޕޮއިންޓްމެންޓަށް އެދޭ ފަރާތްތައް އެމްއެމްއޭއަށް އަންނަންވީ ތާރީހާއި ގަޑި އަންގާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން ހިދުމަތް ހޯދުމަށް، އެ އޮތޯރިޓީއަށްދާއިރު މާސްކް އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.