އެމްއެމްއޭ އިން މީގެ ކުރިން ކުރިއަށް ގެންދިޔަ ސާވޭއެއްގައި ސުވާލުކުރަނީ: ފައިލް ފޮޓޯ އެމްއެމްއޭ

ބޭރުގައި ދިވެހިން ކުރާ ހޭދަ އާއި ގުޅޭ ސާވޭއެއް ފަށަނީ

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދަ އާއި ގުޅޭ ސާވޭއެއް މިމަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ ސާވޭ އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އެރައިވަލްގައި މިމަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ސާވޭގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ދަތުރު ދިޔަ ގައުމާއި، ޓިކެޓްގެ އަގާއި ދަތުރުގެ މައިގަނޑު މަގުސަދު ހިމެނެއެވެ. އޭގެ އިތުރުން ބޭސް ފަރުވާއަށް ދިޔަ ނަމަ ފަރުވާއަށް ކުރެވުނު ހަރަދާއި ޖުމްލަ ގޮތެއްގައި މުޅި ދަތުރުގައި ހޭދަކުރެވުނު ފައިސާގެ އަދަދު ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ސާވޭއަށް މައުލޫމާތު ދޭ ފަރާތުގެ ޒާތީ މައުލޫމާތު ނުނަގާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.