އެމްއެމްއޭ: ފައިލް ފޮޓޯ އެމްއެމްއޭ

ޔޫޒަވަލް ރިޒާވް 204 މިލިއަން ޑޮލަރަށް ވެއްޓިއްޖެ

ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ޔޫޒަބަލް ރިޒާވް 204.2 މިލިއަން ޑޮލަރަށް ވެއްޓިއްޖެއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުދަ ދުވަހު އާންމުކުރި އޮކްޓޯބަރު މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 204.2 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.

މިއަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 248.4 މިލިއަން އެމެރިކާ ޑޮލަރެވެ. އެ އަދަދު ޖުލައި މަހު ހުރީ 275.4 މިލިއަން އެމެރިކާ ޑޮލަރުގައެވެ.

އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރަސްމީ ރިޒާވްވެސް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 530.8 މިލިއަން އެމެރިކާ ޑޮލަރެވެ. ރަސްމީ ރިޒާވްގެ ގޮތުގައި އޮގަސްޓް މަހު ހުރީ 612.1 މިލިއަން އެމެރިކާ ޑޮލަރެވެ. ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 644.1 މިލިއަން އެމެރިކާ ޑޮލަރެވެ.