ބީއެމްއެލް އިން އާކް އަށް 60000 ރުފިޔާ ހަދިޔާކޮށްފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނާއި ބޭންކުގެ ނަމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. 

އިއްޔެ ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފުލާއެއްގައި މި ޖަމިއްޔާ އަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. އަދި މި ހަފުލާގައި ބޭންކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ. އާކް އަށް، ބޭންކާއި ބޭންކުގެ މުއައްޒަފުންގެ ފަރާތުން ވަނީ 60000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާއިން ކުރިޔަށް ގެންދާ  ޕްރޮގްރާމްތައް ރާވައި ހިންގުމަށެވެ.

މި އަހަރު ބީއެމްއެލް އިން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން އާ ގުޅިގެން ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރިޔަށް ގެންދާ 'ބީޓް ބުލީންގ' ޕްރޮގްރާމަށް ފަންޑްރައިޒް ކޮށްފައެވެ. މިގޮތުން ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' ގެ ދުވުންތެރިން ވަނީ ޖުމްލަ 105،250 ރުފިޔާ މި ކެމްޕޭނަށް ހަދިޔާކޮށްފައެވެ.

އާކް އަކީ ފާއިތުވެދިޔަ 10 އަހަރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.