ދޯންޏަކުން މަސްވެރިކަން ކުރަނީ: ފައިލް ފޮޓޯ ފިޝަރީޒް މިނިސްޓްރީ ފޭސްބުކް

މަސްވެރި ވިޔަފާރިތަކަށް 50 މިލިއަން ރުފިޔާގެ ލޯނު ދެނީ

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ކުދި މަސްވެރި ވިޔަފާރިތަކަށް މަދުވެގެން 50 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ މިރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކުރި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައެވެ. 2019 އިން 2023 އަށް ކުރަން ކަނޑައަޅައި އާންމުކުރި އެކްޝަން ޕްލޭންގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެއެވެ.

އެ ގޮތުން ހިނގަމުންދާ 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އައިސް ހެދުމުގެ ގާބިލުކަން މަދުވެގެން 40 އިންސައްތައަށް އިތުރުކޮށް ދެމެހެއްޓުން ހިމެނެއެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ނިޔަލަށް، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ވިޔަފާރިތަކުގެ ތެރެއިން މަދުވެގެން 75 އިންސައްތަ ފަހި ހަކަތަ ސްކީމް ނުވަތަ ޑީސަލް ޑިއުޓީ މައާފުކޮށްދިނުމުުގެ ސްކީމްގެ ބޭނުންކުރާ ބަޔަކަށް ހެދުމަށް ވަނީ އެކްޝަން ޕްލޭންގައި ހިމަނާފައެވެ.