ހިރިލަންދޫ ކައިރީގައި އެޅި ކަނދުފަތި: ފޮޓޯ ފިޝަރީޒް މިނިސްޓްރީ

ހިރިލަންދޫ ކައިރީގައި ކަނދުފަތި އަޅައިފި

ތ. ހިރިލަންދޫ ކައިރީގައި ކަނދުފަތި އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ބުނި ގޮތުގައި އެ ކަނދުފަތި އަޅާފައިވަނީ ހިރިލަންދޫގެ ހުޅަނދު ދެކުނުން 15 މޭލު ބޭރުގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަމަށް ގާއިމުކޮށްފައިވާ ކަނދުފަތީގެ ވިއުގަޔަށް ކަނދުފައްޗެއް އިތުރުކޮށް އަޖުމަބެލުމަށްޓަކައި ބޭރު ކަނޑުގައި އެޅި ކަނދުފައްޗެކެވެ.

އެ މިނިސްޓްރީން ވަނީ މިމަހުގެ ތެރޭގައި ހއ. ހޯރަފުށި ކައިރީގައިވެސް އޮއިވާލި ކަނދުފަތި އަޅާފައެވެ. އަދި މިއަހަރުގެ މާޗް މަހުގެ ތެރޭގައި ގއ. ގެމަނަފުށި ކައިރީގައި ވަނީ ކަނދުފަތި އަޅާފައެވެ.

ކަނދުފަތިތައް ކައިރިން ދޮށީގެ މަސްވެރިކަންކުރާ ފަރާތްތަކުން ބާނާ މަހުގެ ތަފާސްހިސާބު ފިޝަރީޒް މިނިސްޓްރީއަށް ގަވާއިދުން ފޮނުވަންޖެހެއެވެ.