މަހުގެ އުފެއްދުންތަކެއް: ފައިލް ފޮޓޯ މިފްކޯ

މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރުވެއްޖެ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެއެވެ.

މިއަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖެއިން 43،202.5 މެޓްރިކް ޓަނުގެ މަހުގެ ބާވަތް ވަނީ އެކްސްޕޯޓްކޮށްފައެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރީ 41،841.7 މެޓްރިކް ޓަނުގެ މަހުގެ ބާވަތެވެ.

ފްރެޝް، ޗިލްޑް އަދި ފްރޯޒަން ޓޫނާގެ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 34،864.2 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި 22،303 މެޓްރިކް ޓަނުގެ ކަޅުބިލަ މަހާއި 12،354 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ހިމެނެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދަޅުގައި ބަންދުކުރި މަސް އަދި ޕެކެޓްގައި ބަންދުކުރި މަސް (ޕައުޗް) ގެ 6005.5 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެކްސްޕޯޓްކޮށްފައިވެއެވެ.