މިފްކޯ މަސް ފިހާރައިގައި ވިއްކަންހުރި މަސްދަޅުތަކެއް: ފައިލް ފޮޓޯ މިފްކޯ

12 އަހަރަށްފަހު ފެލިވަރުގައި ރެކޯޑް އަދަދަކަށް މަސް ބަންދުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ޅ. ފެލިވަރުގައި، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މަސް ބަންދުކުރުމުގެ ރެކޯޑް ގާއިމުކޮށްފިއެވެ.

މިފްކޯ އިން ބުނި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ފެލިވަރުގައި ވަނީ 60 ޓަނުގެ މަސް ބަންދުކޮށްފައެވެ.

މިފްކޯ އިން ވަނީ މިދިޔަ އާދިއްތަ ދުވަހު 4،888 ކޭސް މަސް ދަޅު އުފައްދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3،946 ކޭސް ޓޫނާ ޗަންކްސް އިން އޮއިލް (ތެޔޮ މަސް) ކުދި ދަޅު އާއި 1.8 ކިލޯގެ ބޮޑެތި ދަޅުގެ 46 ކޭސް މަސް ދަޅެވެ. އޭގެ އިތުރުން ޕެކެޓް މަސް (ޕައުޗް) ގެ 196 ކޭސް ވަނީ އުފައްދާފައެވެ.

މިފްކޯ މިހާރު ހިންގަމުން އަންނަނީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ދަށުންނެވެ. މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޖަޕާނު އައިޓް އެމްޓީ ކޭނަރީ އާއި ދިވެހި ސަރުކާރުން ހެދި ޖޮއިންޓްވެންޗާއެއްގެ ދަށުން ފެލިވަރުގައި އެ ފެކްޓްރީ ހަދަން ނިންމީ 1977 ވަނަ އަހަރުއެވެ. އެ ފެކްޓްރީ ރަސްމީކޮށް ހުޅުވައި ފެކްޓްރީގެ މަސައްކަތް ފަށައިފައިވަނީ 1978 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.