ސްރީލަންކަންގެ ފްލައިޓެއް

ސްރީލަންކަންގެ ޓިކެޓް އަގު ހެޔޮކުރަނީ

ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އަގުހެޔޮ ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރެމެސިންގްހެ އިރުޝާދު ދެއްވައިފިއެވެ.

ސްރީލަންކަންގެ ޓިކެޓް އަގުހެޔޮ ކުރުމަށް ބޮޑުވަޒީރު ރަނިލް އިރުޝާދު ދެއްވީ ލަންކާގެ ފިނޭންސް މިނިސްޓްރީ އާއި މަރުކަޒީ ބޭންކާއި އެއާޕޯޓް އެންޑް އޭވިއޭޝަން އަދި ޓޫރިޒަމް ބޯޑުގެ އިސްބޭފުޅުންނާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަކަށްފަހުއެވެ.

ބޮޑުވަޒީރު ރަނިލް އެކަމަށް އިރުޝާދު ދެއްވާފައި މިއަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެގައުމުގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވަނިކޮށެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓްގެ އަގުހެޔޮ ކުރުމުން، ސްރީލަންކާއަށް ދަތުރުކުރާ އެހެން އެއާލައިންތަކުންވެސް ޓިކެޓް އަގުހެޔޮ ކުރަން މަޖުބޫރުވެގެންދާނެ ކަމަށާއި އެއީ ފަތުރުވެރިކަން ކުރިއެރުވުމަށް މި ދަނޑިވަޅުގައި އެޅޭނެ ފިޔަވަޅެއް ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ގެންނަ ބަދަލުގެ ތެރެއިން ސްރީލަންކަން އެއާލައިންސްގެ ގްރައުންޑް ހެންޑްލިންގް ޗާޖާއި ފިއުލް ޗާޖު ކުޑަކުރުން ހިމެނެއެވެ. ޖަރުމަން، ފްރާންސް، އިނގިރޭސިވިލާތް އަދި އިންޑިއާއިން ލަންކާއަށް ދަތުރުކުރާ ފަތުރުވެރިންނަށް ހާއްސަކޮށް އެ ދާއިރާތަކުން ޓިކެޓްގެ އަގު މިހާރުން މިހާރަށް ހެޔޮކުރުމަށް ވަނީ ނިންމާފައެވެ.

ހަސަންދީ

ވ. ރަނގަޅު ނިންމުމެއް