ފޮޓޯ: ވިޒިޓް މޯލްޑިވްސް ފޭސްބުކް

ގްރީން ފަންޑަށް 780 މިލިއަން ރުފިޔާ ލިބިއްޖެ

ތިމާވެށީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ގާއިމުކޮށްފައިވާ ގްރީން ފަންޑަށް، މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 780.31 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މަހަކު އެއްފަހަރު އާންމުކުރާ ގްރީން ފަންޑް ރިޕޯޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހު އެ ފަންޑަށް 54.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު އެ ފަންޑަށް 73 މިލިއަން ރުފިޔާ ލިބުނުއިރު އޮގަސްޓް މަހު 70 މިލިއަން ރުފިޔާ އެ ފަންޑަށް ލިބިފައިވެއެވެ.

ގްރީން ފަންޑުން، މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 338.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި އޮކްޓޫބަރު މަހު ގްރީން ފަންޑުން ހަރަދުކުރި 37 މިލިއަން ރުފިޔާ ހިމެނެއެވެ. ގްރީން ފަންޑުން މިއަހަރުގެ ސެޕްޓެމްބަރު މަހު 58 މިލިއަން ރުފިޔާ ހޭދަކުރިއިރު އޮގަސްޓް މަހު 24 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރީން ފަންޑުން ހަރަދު ކުރި މަޝްރޫއުތަކުގެ ތެރޭގައި ހުވަދު އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސިސްޓަމް ގާއިމުކުރުން ހިމެނެއެވެ.

ނ. ހޮޅުދޫ އާއި ގދ. ތިނަދޫގައި ޑްރެއިންއޭޖް ސިސްޓަމް ގާއިމުކޮށްފައިވާއިރު ރ. މާކުރަތު، ލ. މާވަށް، ހއ. އުތީމު، ރ. ރަސްމާދޫ، ފ. ފީއަލި، ނ. ލަންދޫ، އދ. އޮމަދޫ އަދި އދ. ހަންޏާމީދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހިމެނެއެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ބޭރުގެ ފަތުރުވެރިންގެ އަތުން، އެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކުހުގެ ގޮތުގައި ހަ އެމެރިކާ ޑޮލަރު ދައުލަތަށް ނަގައެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ޖަމާވަނީ ގްރީން ފަންޑަށެވެ.