ބީއެމްއެލްގެ މައި އޮފީސް: ފައިލް ފޮޓޯ ބީއެމްއެލް

ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި 528 މިލިއަން ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގައި ސާފު ފައިދާގެ ގޮތުގައި 528 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލް އިން އާންމު ކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 251.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 276.6 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބީއެމްއެލަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ބީއެމްއެލަށް ލިބިފައިވަނީ 1.21 ބިލިއަން ރުފިޔާއެވެ. އެ އަދަދު މިއަހަރުގެ އެ މުއްދަތުގައި ވަނީ 1.28 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި އެ ބޭންކްގެ ކަސްޓަމަރުންގެ އަދަދު ވަނީ 279،000 އަށް އަރާފައެވެ. ރާއްޖޭގެ 20 އަތޮޅުގައި ބޭންކްގެ 37 ބްރާންޗް ގާއިމުކޮށްފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 105 އޭޓީއެމް ވަނީ ބަހައްޓާފައެވެ. 165 ރަށުގައި 277 ކޭޝް އެޖެންޓުން ތިބޭއިރު 43 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމުކޮށްފައެވެ.