މިއަދު ތައާރަފުކުރި ހިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެނީ: ފޮޓޯ ބީއެމްއެލް

ބީއެމްއެލް އިސްލާމިކްއިން ފައިނޭންސިންގެ ޕްރޮޑަކްޓްތަކެއް ތައާރަފުކޮށްފި

ބީއެމްއެލް އިސްލާމިކް އިން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކެއް ތައާރަފުކޮށްފިއެވެ.

އެ ބޭންކުން އަލަށް ތައާރަފުކުރި ހިދުމަތްތަކުގެ ތެރޭގައި ރީޓެއިލަރސް ފައިނޭންސިންގ، ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގ، ލެޓަރ އޮފް ކްރެޑިޓް އަދި ބޭންކް ގެރެންޓީ ހިމެނެއެވެ. އޭގެ އިތުރުން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތަށް ޖެނެރަލް ފައިނޭންސިންގ އަށް ވަނީ ބަދަލު ގެނެސްފައެވެ. އެއާއެކު ބީއެމްއެލް ކޮންވެންޝަނަލް އިން ދޭ ހިދުމަތްތައް މިހާރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބޭނެއެވެ.

 

ބީއެމްއެލް އިސްލާމިކް ރީޓެއިލަރސް ފައިނޭންސިންގ އަކީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށްކުރާ ވިޔަފާރީގެ ތެރެއިން މަހެއްގެ މައްޗަށް އެވެރެޖްކޮށް 50،000 ރުފިޔާ ލިބޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓެކެވެ. 500،000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ފައިނޭންސިންގ އަށް އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭއިރު ފައިސާ އަނބުރާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އަދި ވަކާލާގެ މައްޗަށް ބިނާކުރެވޭ 12 މަސްދުވަހަށް ބަހާލެވޭ އޯވަރޑްރާފްޓްގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިސްލާމިކް އިން ބުނެއެވެ.

ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގ އަކީ ރަހުނު ބެހެއްޓުމުގައި ލުއި ފަސޭހަ ގޮތްތައް ހިމެނި ވިޔަފާރި ފުޅާކުރުމަށާއި، ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ޕްރޮޕަޓީ ޑިވެލޮޕް ކުރުމަށާއި، އާ މުދާ އަދި މެޝިނަރީ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެދި ހުށަހެޅޭ ފައިނޭންސިންގއެކެވެ. އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމްގެ ދަށުންވެސް އެ ފައިނޭންސަށް އެދި ހުށަހެޅޭއިރު އަލަށް ވިޔަފާރި ފެށުމަށާއި، ވިޔަފާރި ފުޅާކުރުމަށާއި، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ތައާރަފުކުރި ހިދުމަތްތަކާއި ގުޅޭ ގޮތުން ބޭންކްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އިން ވިޔަފާރިތަކަށް އަމާޒުކޮށް ދޭ ހުރިހާ ހިދުމަތެއް ބީއެމްއެލް އިސްލާމިކްގެ ދަށުން ދެވިގެންދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ބީއެމްއެލް އިސްލާމިކްގެ ހިދުމަތް މިދަނީ ވަރަށް ރަނގަޅު މިސްރާބެއްގައި ކުރިއަރަމުން. މިއަދު މި ތައާރަފްކުރެވުނު ހިދުމަތްތަކަކީ ބޭންކުން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކޮށް ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ފުރިހަމަކަމެއް." ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާކޮށްފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. އެގޮތުން ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ މުޅި ވަކި ފަންޑެއްގެ ގޮތުގައި ކަމަށާއި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށް ކަމަށް އެ ބޭންކުން ބުނެއެވެ.