މާލޭގައި މުދާ އުފުލޭ ގަޑިތަކަށް ބަދަލު ގެނެސްފި
މާލެ ތެރޭގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ 350 ކިލޯގެ ޕިކަޕްގައި، މާލޭގައި 24 ގަޑިއިރު މުދާ އުފުލުމަށް ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް ސްކޫލްތައް ފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި، ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި، މުދާ އުފުލާ ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތައް ދަތުރުކުރުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުކުރި 11:30 އަށް، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުތަކަށް މާލެ ތެރޭގައި މުދާ އުފުލޭނެއެވެ. އަދި މެންދުރުކުރި 11:30 އިން މެންދުރު 13:30 އަށް، 350 ކިލޯއިން ދަށުގެ އުޅަނދު ފިޔަވައި، އެހެން އުޅަނދުތަކުގައި މުދާ އުފުލުން މަނާވާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މެންދުރު 13:30 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 06:00 އަށް، ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި މާލެ ތެރޭގައި މުދާ އުފުލޭނެއެވެ. އެމްޕީއެލް އިން ނެރޭ މުދާ އުފުލަންވާނީ ބޮޑުތަކުރުފާނު މަގުން ކަމަށް ވަނީ ކަނޑައަޅާފައެވެ.
ސްކޫލް ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި، 350 ކިލޯއިން ދަށުގެ ޕިކަޕްތަކުގައި 24 ގަޑިއިރު ފެނާއި ގޭސް އުފުލޭނެއެވެ. ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް، ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި ފެނާއި ގޭސް އުފުލޭއިރު ކޮންސްޓްރަކްޝަން މުދާ އުފުލޭ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ.
ދެ ޓަނުން ދަށުގެ މުދާ އުފުލާ އުޅަނދުތަކަށް، ސިނަމާލެ ބްރިޖުން 24 ގަޑިއިރު ދަތުރުކުރެވޭނެއެވެ. ދެ ޓަނުން މަތީގެ އުލަނދުތަކަށް ބްރިޖުން ދަތުރުކުރެވޭނީ ހަވީރު 6:00 އާއި ހެނދުނު 6:00 އާ ދެމެދުއެވެ.