ބީއެޗްއެމްގެ ވިޔަފާރި ވަގުތީ ގޮތުން މެދުކަނޑާލައިފި
ބީއެޗްއެމް ޓްރޭޑާސްގެ ވިޔަފާރި ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެކޮށް ވިއްކާ އެއް ކުންފުނި، ބީއެޗްއެމް ޓްރޭޑާސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކަމާބެހޭ ފަރާތްތަކުން އަންގާފައިވާތީ އެހިނދުން ފެށިގެން ކުންފުނީގެ ހުރިހާ ހިދުމަތެއް މެދުކަނޑާލާފައިވާ ކަމަށެވެ.
ބަޔާނުގައި ބީއެޗްއެމް އިން ބުނީ އެޗްޕީއޭ އަށް ފުރިހަމައަށް އެއްބާރުލުންދީ، އެކަމުގެ ފުރިހަމަ ޓެސްޓްތަކާއި ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް މަގުފަހިކުރުމުގެ ގޮތުން ހުރިހާ މުވައްޒަފުން ތިބީ ގޭގައި މަޑުކޮށްގެން ކަމަށެވެ.
"މުވައްޒަފުންނާއި، ކަސްޓަމަރުންގެ އަދި ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމާއިބެހޭ ފަރާތްތަކަށް އެއްބާރުލުންދީ އަޅުގަނޑުމެންގެ ފިހާރަތައް ބަންދު ކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް ހިތާމަ ކުރަމެވެ." ބީއެޗްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. ކަމާއި ބެހޭފަރާތްތަކުގެ އިޒުނަ ލިބުނުހާ އަވަހަކަށް ހިދުމަތް ފެށުމަށް ތައްޔާރަށް ތިބި ކަމަށް ބީއެޗްއެމް ޓްރޭޑާސް އިން ވަނީ ބުނެފައެވެ.