ހުސްނުވާ އާސަންދަ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ ރައީސް އޮފީސް

އާސަންދައަށް ކަނޑައެޅި ބަޖެޓު ހުސްވެއްޖެ

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި، އާސަންދައަށް ކަނޑައެޅި ބަޖެޓު ހުސްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ ބަޖެޓުން އާސަންދައަށް 968 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ދައުލަތުގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައިވަނީ 950.8 މިލިއަން ރުފިޔާއެވެ.

ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފުސީލު، ފިނޭންސް މިނިސްޓްރީން ދަނީ ހަފުތާއަކު އެއް ފަހަރު އާންމުކުރަމުންނެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް، އާސަންދައަށް ހޭދަވެފައިވަނީ 950.5 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރާއި 2018 ވަނަ އަހަރުވެސް، ދައުލަތުގެ ބަޖެޓުން އާސަންދައަށް ކަނޑައެޅި ބަޖެޓު ވަނީ އަހަރު ނިމުމުގެ ކުރިން ހުސްވެފައެވެ. މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން އާސަންދައަށް އެއް ބިލިއަން ރުފިޔާ ކަނޑައެޅިއެވެ. ނަމަވެސް އަހަރު ނިމުނުއިރު، އާސަންދައަށް 1.2 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދެހާސް އަށާރަ ވަނަ އަހަރު، ދައުލަތުގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައިވަނީ 750 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ އަހަރު ނިމުނުއިރު، އާސަންދައަށް 1.4 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.