އަންނަ އަހަރަށް 37.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
އަންނަ އަހަރަށް 37.8 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބަޖެޓް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 76 ވަނަ ޖަލްސާގައެވެ. ބަޖެޓް ފާސްކުރުމަށް ފެންނަ ކަމަށް 77 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ފާސްވެފައިވަނީ ކޮމިޓީ މަރުހަލާގައި، ބަޖެޓަށް އިތުރުވި 366 މިލިއަން ރުފިޔާއާއެކުގައެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 17 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ އަދި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 5.2 ބިލިއަން ރުފިޔާ އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މި ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އާ ކަންކަން ހިމަނާފައިވެއެވެ.