ފްލައިޓަކުން ފަތުރުވެރިން ފައިބަނީ: ފައިލް ފޮޓޯ ވީއައިއޭ ފޭސްބުކް

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 496،000 އަށްވުރެ އިތުރުވެއްޖެ

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 496،000 އަށްވުރެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 496،633 ފަތުރުވެރިންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، ފަތުރުވެރިން ރާއްޖޭގައި އެވަރެޖްކޮށް ނުވަ ދުވަސް ހޭދަކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. ރަޝިއާއިން 120،514 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 24.3 އިންސައްތައެވެ. އިންޑިއާއިން 89،599 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، އެއީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 18 އިންސައްތައެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ ޖަރުމަނުންނެވެ. ޖަރުމަނުން 27،151 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 5.5 އިންސައްތައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10 ގައި ދެން ހިމެނެނީ ޔޫކްރެއިން، އެމެރިކާ، ކަޒަކިސްތާން، އިނގިރޭސިވިލާތް، ރޯމޭނިއާ، ފްރާންސް އަދި ޗެކް ރިޕަބްލިކްއެވެ.