ފްލައިޓަކުން ފަތުރުވެރިން ފައިވަނީ: ފައިލް ފޮޓޯ ވީއައިއޭ ޓްވިޓާ

ޖަރުމަނު މާކެޓްގެ ތިންވަނައަށް

ޖަރުމަނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައަށް ޖަރުމަނު ޖެހިލައިފިއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުން، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުތައް ޓޫރިޒަމް މިނިސްޓްރީން ދަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު އާންމުކުރަމުންނެވެ. ހަފުތާގެ އެހެން ދުވަސްތަކުގައި، ޓޫރިޒަމް މިނިސްޓްރީން ދަނީ އެ ދުވަހެއްގައި ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުތައް ހާމަކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، 1 ޖެނުއަރީ 2021 އިން 19 މެއި 2021 ގެ ނިޔަލަށް ޖަރުމަނުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 23،311 އަށް އަރާފައެވެ. އެއާއެކު ޖަރުމަނު ވަނީ މާކެޓްގެ ތިންވަނައިގައެެވެ.

އެ މިނިސްޓްރީން މިމަހުގެ 13 ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މެއި 12 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުން ރާއްޖެ ޒިޔާރަތްކުރީ 22،372 ފަތުރުވެރިންނެވެ. އޭރު ޖަރުމަނު އޮތީ މާކެޓްގެ ހަތަރުވަނައިގައެވެ. އޭރު ތިންވަނައިގައި އޮތީ ޔޫކްރެއިންނެވެ.

މިދިޔަ އަހަރު ނިމުނުއިރު ޖަރުމަނު އޮތީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ފަސްވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ ޖަރުމަނުގެ 36،435 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.