އިނގިރޭސިވިލާތުގައި 5ޖީ ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ރެޕާ ސްޓޯމްޒީ

އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް 5ޖީ ހިދުމަތް ތައާރަފުކޮށްފި

އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް 5ޖީ މޯބައިލް ނެޓްވޯކް ތައާރަފުކޮށްފިއެވެ.

5ޖީ މޯބައިލް ނެޓްވޯކް ތައާރަފުކުރީ، އިނގިރޭސިވިލާތުގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނި، އީއީ އިންނެވެ. ހިދުމަތް ތައާރަފުކުރުމުގެ ގޮތުން ތަމްސް ކޯރުގައި އޮތް ބޯޓެއްގައި، އިނގިރޭސި ރެޕާ ސްޓޯމްޒީ ބޭއްވި ކޮންސެޓެއް ވަނީ ލައިވް-ސްޓްރީމްކޮށްފައެވެ.

ހިދުމަތް ތައާރަފުކުރި ނަމަވެސް މިވަގުތު 5ޖީ މޯބައިލް ނެޓްވޯކްގެ ހިދުމަތް ލިބޭނީ އިނގިރޭސިވިލާތުގެ ބެލްފާސްޓް، ބާރމިންގްހަމް، ކާރޑިފް، އެޑިންބާގް، ލަންޑަން އަދި މެންޗެސްޓާގެ ބައެއް ސަރަހައްދު ތަކަށެވެ. 5ޖީ މޯބައިލް ނެޓްވޯކްގެ ސަަބަބުން ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބިގެންދާއިރު މި ހިދުމަތް ލިބޭނީ 5ޖީ ސަޕޯޓްކުރާ ފޯނުތަކަށެވެ.

5ޖީ ނެޓްވޯކްގެ ހިދުމަތް މިވަގުތު އީއީ ލިމިޓެޑް ކުންފުނިން ދޭ އެންމެ ހެޔޮ އަގަކީ މަހަކަށް 54 ޕައުންޑް (ގާތްގަނޑަކަށް 1050 ރުފިޔާ) އެވެ.

އީއީ ލިމިޓެޑާއި ވާދަވެރި ކުންފުނި، ވޯޑަފޯނުންވެސް ދަނީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި 5ޖީ ހިދުމަތް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންނެވެ.