އެމެރިކާގެ އިތުރު ސިޓީތަކަކަށް 5ޖީ ތައާރަފުކޮށްފި

ޓެލެކޮމިޔުނިކޭޝަން ކުންފުނި، އޭޓީއެންޑްޓީ އިން އެމެރިކާގެ އިތުރު ބައެއް ސަރަހައްދުތަކަށް ލޯ-ބޭންޑް 5ޖީ ނެޓްވޯކް ތައާރަފުކޮށްފިއެވެ.

އޭޓީއެންޑްޓީ އިން އަލަށް 5ޖީ ހިދުމަތް ދޭން ފަށާފައިވަނީ ނިއު ޔޯކް ސިޓީ، ވޮޝިންޓޮން، ޑީސީ، ބޯލްޓިމޯ، ލަސް ވޭގަސް، ޑެޓްރޮއިޓް ގެ ބައެއް ސަރަހައްދުތަކަށެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އޭޓީއެންޑްޓީ އިން ދޭ ލޯ-ބޭންޑް 5ޖީ އަށް އެ ކުންފުނިން ދީފައިވާ ނަމަކީ 5ޖީ އީ އެވެ. އޭގެ އިތުރުން އޭޓީއެންޑްޓީ އިން ދަނީ އެމްއެމްވޭވް 5ޖީ+ ނެޓްވޯކް އެމެރިކާގެ ބޯލްޓިމޯ އަދި ޑެޓްރޮއިޓްއަށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

އަލަށް 5ޖީ ހިދުމަތް ދޭން ފެށި ސިޓީތަކާއެކު، އޭޓީއެންޑްޓީ އިން 5ޖީ ހިދުމަތް ފޯރުކޮށްދެމުންދާ ސިޓީތަކުގެ އަދަދު ވަނީ 25 އަށް އަރާފައެވެ.

އޭޓީއެންޑްޓީ ގެ 5ޖީ ނެޓްވޯކު ހިދުމަތް، އެ ކުންފުނީގެ އަންލިމިޓެޑް އެކްސްޓްރާ ނުވަތަ އަންލިމިޓެޑް އެލީޓް ޕްލޭންގެ ދަށުން ބޭނުންކުރެވޭނެއެވެ. މި ދެ ޕެކޭޖުގެ އަގު އުޅެނީ 75 ޑޮލަރާއި 85 ޑޮލަރަށަށެވެ. 5ޖީ ހިދުމަތް ބޭނުންކުރުމަށް އިތުރު އަގެއް ދައްކަން ނުޖެހޭނެއެވެ.