ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ފޮޓޯ ބީއެމްއެލް

ބީއެމްއެލް ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 129 މިލިއަން ރުފިޔާ ބަހަނީ

ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާގެ ފައިދާގެ ގޮތުގައި 129.17 މިލިއަން ރުފިޔާ (ހިއްސާއަކަށް 24ރ.) ދިނުމަށް ފާސްކޮށްފިއެވެ.

އެ ގޮތަށް ފާސްކޮށްފައިވަނީ ރޭ ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައެވެ. މިއީ މިހާތަނަށް ބީއެމްއެލްގެ ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދެވެ.

މިއާއެކު ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރުގެ ގޮތުގައި ދައުލަތަށް ހިއްސާގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރު އިތުރުވެ، އަދި ރިޕޯޓްތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 390 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

ޓެކްސް އަށް ކެނޑުމުގެ ކުރިން 2018 ވަނަ އަހަރު ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ކުރީ އަހަރަށްވުރެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމެނި ހޯދުނު ވަރަށް ރަނގަޅު މާލީ ނަތީޖާއެކެވެ. ޓެކްސް އަށް ކެނޑުމަށްފަހު ލިބުނު ފައިދާ މިވަނީ ވިދިވިދިގެން ތިން ވަނަ އަހަރު އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ.

ހިއްސާދާރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ ބޭންކްގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ހިއްސާދާރުންނަށް ލިބިގެންދާކަމީ ލިބޭ އުފަލެއް ކަމަށެވެ.

"މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބުނު ކުރިއެރުމުން. އަދި ހަމައެހެންމެ ދޫކުރެވުނު ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާއެކުވެސްމެ." ސީއީއޯ ޓިމް ވިދާޅުވިއެވެ.